ޒުވާނުންނަށް

Draft-Latest Update 04 February 2025

ވަޒީފާއަކަށް އިއުލާނު ކުރުން

މިދިޔަ ޖަނަވަރީ މަހުގައި ކައުންސިލަށާއި ސްކޫލަށް ވަޒީފާއަށް އިއުލާނު ކޮށްފައިވެއެވެ. އެހެންނަމަވެސް ސްކޫލުގެ ސްކްރީނިން ޝީޓްގައި ވަނީ އެންމެ ފަރާތެއް ކަމުގައި ވުމުން މީގައި މި ބަލަލާލަނީ ހަމައެކަނި ކުމުންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނަށެވެ. ކުމުންދޫ ކައުންސިލުން ތިން އިއުލާނެއް ކޮށްފައިވެއެވެ. އެއީ މަސައްކަތު 2 ވަޒީފާއަށާއި 2 އެޑްމިން އޮފިސަރުންނަށެވެ.

އަހަރެން އެއަށް ކުރިމަތި ނުލީ ފާސް ނެތީމައި

ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ އެޑްމިން އޮފިސަރުންނަށާއި މަސައްކަތު މީހުންނަށް ކުރިމަތިލުމަށް މަތީ ފާސްތަކެއް ބޭނުންވާނެކަމަށެވެ. އެހެންނަމަވެސް އެއީ ކުށް ހީއެކެވެ. ތަޖުރިބާ ނެތަސް ކުމުންދޫ ސްކޫލުން މިދިޔަ އަހަރު ކިޔަވައި ނިންމާ ކުދިންނަށްވެސް ކުރިމަތި ލެވޭނެއެވެ. އަދި ހަމަ އެގޮތަށް އުމުރުން ދޮށީ ނަމަވެސް ——— އަށްވުރެ ހަގު ނަމަ ކުރިމަތިލެވޭނެއެވެ.

ދެން އެހެން ވަޒީފާއަކަށް ލާން ބޭނުންވޭ؟

ވަޒީފާއަކަށް ހުޅުވާލާނީ ރަސްމީ 5 ދުވަހަށެވެ. އެހެން ވީމާ އެގޮތަށް ހުޅުވާލުމުން ވަޒީފާއަށް ކުރިމަތިލާ ފޯމު ފުރުމާއި އެކު ތަޖުރިބާ އަދި ތައުލީމީ ސަނަދުތައް ހުށަހަޅަންވީއެވެ. އެ އިދާރާއަށް ނުދިޔަނަމަވެސް އީމެއިލް ކުރެވޭނެއެވެ. އަދި އިދާރާއިން ދޭ ސްލިޕް ރައްކާކޮށްފައި ބާއްވާށެވެ.

ހުށަހަޅާނީ ކޮން ލިއުންތަކެއް؟

ލިއުންހުށަހަޅާނެ؟
ވަނަވަރުއާން
އައި.ޑީ ކާޑު ކޮޕީއާން
ސްކޫލް ލީވިން ސެޓްފިކެޓްހަމައެކަނި މަސައްކަތު ވަޒީފާ
ސްކޫލުގެ ހަނދާނީ ލިއުންނޫން
އޯލެވެލް ސެޓްފިކެޓްއާން
އޭލެވެލް ސެޓްފިކެޓްއާން
ލެވެލް 1 އިން މަތީގެ އެމް.ކިއު.އޭ  އިން ބަލައިގަންނަ ސެޓްފިކެޓްއާން
ކުރުމުއްދަތުގެ ތަމްރީންނޫން
އެމް.ކިއު.އޭ ހުއްދަ ނުދޭ ފަރާތްތަކުގެ ކޯސްނޫން
ބީ.ޓެކް ސެޓްފިކެޓްއާން
އިންޓާންޝިޕްނޫން
ވަޒީފާގައި އުޅުނު ކަމުގެ ލިއުން*އާން

 

އެއްވެސް ލިއުމެއްގައި އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާކަށް ނުޖެހޭނެއެވެ. ވަޒީފާލިބޭ ފަރާތައް ވަޒީފާ ހަމަޖެއްސުމަށް އަސްލާއި އެއްގޮތް ކަމުގެ ލިއުން ހުށަހެޅުމަށް ވަޒީފާ ލިބޭފަރާތައް އެކަނި އަންގާނެއެވެ. އެއީ އޭ2 ޝީޓް އާންމު ކުރުމަށް ފަހުގައެވެ.

ކޮންމެތާކު އުޅެފައިވާ ވަޒީފާގެ ލިއުމެއް ކަމަކު ނުދާނެއެވެ. ހުށަހަޅަންވާނީ އެވަޒީފާއަކާއި ގުޅޭ މަސައްކަތު ތަޖުރިބާއެވެ. މިސާލަކަށް މަސައްކަތު ނަމަ ފޮޅާ/ސާފުކުރާ ކަމުގެ ވަޒީފާ ލިއުމެކެވެ. އެޑްމިން ސްޓާފެއްނަމަ އެޑްމިން ވަޒީފާއެއް ނުވަތަ މެނޭޖްމެންޓް ވަޒީފާއެއްގެ ލިއުމެކެވެ. އެޑްމިން ވަޒީފާއަކަށް ފޮޅާ/ސާފުކުރި ކަމުގެ ވަޒީފާގެ ލިއުމެއް ހުށަހެޅިއަސް ޕޮއެންޓެއް ނުލިބޭނެއެވެ.

ހުށަހަޅާ ލިއުން ވާންވާނީ ސިވިލް ސާވިސް މުވައްޒަފެއްގެ ވަޒީފާގެ ލިއުމަކަށެވެ. އެހެންނަމަވެސް ދައުލަތުގެ އިދާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ ރައްކާތެރި ގޮތަކީ މަޤާމުގެ މަސްއޫލިއްޔަތާއި ވަޒީފާގެ މުއްދަތު އެނގެން އޮންނަ ލިއުންތައް ހުށަހެޅުމެވެ. އަމިއްލަ ކުންފުނި އަދި އިދާރާއެއްނަމަ ލިއުމުގައި މަޤާމުގެ ނަން އަދި ވަޒީފާގެ މުއްދަތު ކޮންމެހެންވެސް އޮންނާންވާން ވާނެއެވެ.

ޖަމިއްޔާތަކުގައި މަސައްކަތް ކުރާ ފަރާތެއް ލިއުން ހުށަހަޅަން ބޭނުންނަމަ މަތީގައިވާ ކަންކަމާއި އެކުގައި ޖަމިއްޔާ އަކީ ރަޖިސްޓްރީ ކުރެވިފައިވާ އަދި ޤައުމީ ފެންވަރުގައި ހިންގޭ ޖަމިއްޔާއެއްގެ މުސާރަ ލިބޭ ވަޒީފާއެއްގައި އުޅޭނަމަ ހުޅައެޅިދާނެއެވެ. އިންޓަރންޝިޕް ޕްރޮގްރާމުތަކުގެ ތެރެއިން ކިއެވުމަށް ބޭނުންކުރާ މުއްދަތަކީ ބަލައިގަންނަ މުއްދަތެއް ނޫނެވެ. ދެން ކުރާ އިންޓަރންޝިޕް ޕްރޮގްރާމްތަކަށް ވަކި ޝަރުތުތަކަކާއި އެކުގައި ބަލައިގަނެއެވެ.

 

ސްކްރީނިން ޝީޓް

މިއީ މިހާރު ކުމުންދޫ ކައުންސިލުގެ ވަޒީފާގެ މަސައްކަތް ގޮސްފައިވާ ހިސާބެވެ. އެގޮތުން މަސައްކަތު ވަޒީފާގެ ސްކްރީނިން ޝީޓް އާންމު ކޮށްފައިވާއިރު އެޑްމިން ސްޓާފުންގެ ވަޒީފާގެ ސްކްރީނިން ޝީޓް އާންމު ނުކުރެއެވެ.

މިއީ ވަޒީފާއަށް ޝަރުތު ހަމަވާކަން ނުވަތަ ނުވާކަން އަންގައި ދިނުމަށް ކުރާ އިއުލާނެކެވެ. މި އިއުލާނު ކުރުމުގެ ކުރިން މަސައްކަތު ( ސަޕޯޓް ސްޓާފުން ) ގެ ތެރެއިން ސްކޫލް ނިންމި ކަމުގެ ލިއުން ހުށަނާޅާނަމަ ލިއަން ކިއަން އެނގޭތޯ ޓެސްޓް އެއް އިދާރާއިން ދޭނެއެވެ. އަދި މި އިއުލާނުގެ ކުރިން ވަޒީފާއަށް ޕޮއިންޓް ނުދޭ ލިއުންތައް ހުށައެޅުމަށް އިދާރާއިން ބުނާނެއެވެ. އެއީ އާންމުކޮށް ހަނދާންނެތިގެން ހުށަހެޅިފައިނުވާ އައިޑީކާޑު ކޮޕީ، ސީ.ވީ، ހުށަހަޅާފައިވާ ސެޓްފިކެޓްގެ ޓްރާންސްކްރިޕްޓް، ލައިސަންސް، ލީވިން ސެޓްފިކެޓް އަދި މިނޫނަސް ޕޮއިންޓް ނުލިބޭ ލިއުމެއް ހުށަހެޅިކަމަށް ފޯމުގައި ބަޔާންކޮށްފައިވީނަމަވެސް އެއް ކަރުދާސް ކޮށްފައި ނުވާނަމަ އެ ލިއުމެއް ހުށަހެޅުމަށް ސުންގަޑީގެ ފަހުންވެސް އަންގާނެއެވެ.

ސްކްރީނިން ޝީޓްގައި އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތެއް އާންމެއް ނުކުރާނެއެވެ. އާންމު ކުރާނީ ކެނޑިޑޭޓް ނަންބަރެވެ. އެހެންވީމާ ވަޒީފާއަށް ޝަރުތު ހަމަ ނުވިނަމަވެސް އާންމު ކުރާއިރުވެސް ތިބާ އަކީ ކާކުކަން އެހެންފަރާތްތަކަށް ނޭނގޭނެއެވެ.

ސްކްރީނިންގައި އިނީ އެންމެ ފަރާތެއް ކަމުގައިވާނަމަ އަލުން އެ އިދާރާއަކުން އިއުލާން ކޮށްފާނެއެވެ. އެހެންވީމައި އެންމެ ފަރާތަކުން ކުރިމަތިލީމައި ވަޒީފާ ހަމަޖެހުނީ ކަމުގައި ވިސްނައިގެން ނުވާނެއެވެ. އަދި ޝަކުވާއެއްވާނަމަ އެދޭ ފުރުސަތުގައި ޝަކުވާ ލިއުމުން އެ އިދާރާއަކަށް ހުށަހަޅަން ވާނެއެވެ.


އިމްތިޚާނު
ސްކްރީނިން ޝީޓް އާންމު ކުރުމަށްފަހުގައި އިންޓަވިއު އަދި ޓެސްޓްއަށް އައުމަށް އަންގާނެއެވެ. އާންމު ގޮތެއްގައި އިންޓަވިއުގެ ކުރީން ޓެސްޓް ބާއްވާނެއެވެ. އެހެންނަމަވެސް ބައެއް ފަހަރު އެއްދުވަހަކުވެސް ބާއްވައެވެ. މަސައްކަތު މީހުންނަށް ޓެސްޓްއެއް ނުބާއްވާނެއެވެ. އެހެންނަމަވެސް އެޑްމިން ސްޓާފުންނަށް އޮންނާނެއެވެ.

ޓެސްޓް އޮންނާނެ ވަގުތާއި ތަނާއި 48 ގަޑިއިރު ކުރިން ލިއުމުން ކެނޑިޑޭޓަށް ހުރިހައި ތަފްސީލާއި އެކު އެންގޭނެއެވެ. ތިރީގައި މިވަނީ އާންމުކޮށް ޓެސްޓް ކުރިއަށް ގެންދާ ގޮތެވެ.

މީގެ ކުރިންވެސް ޓެސްޓްއެއްގައި ބައިވެރިވެފައިވާ ފަރާތެއް ނަމަ ޓެސްޓް ފަސޭހަވާނެ ކަން އެނގެންވާނެއެވެ. ޓެސްޓްގައި އާންމުގޮތެއްގައި ބަހައްޓަނީ ދިވެހި ބަހުގެ ޓެސްޓްއެއްގޮތަށެވެ. އުނދަގޫ ޤާނޫނާއި ގަވައިދުގެ ސުވާލުތައް ނުހިމެނިނަމަވެސް މަދުންނަމަވެސް ކުރު ސުވާލުތައް ހިމަނާފައި ހުންނަކަން މީގެ ކުރިން ޓެސްޓްއެއްގައި ބައިވެރިވި ފަރާތަކަށްނަމަ އެނގޭނެއެވެ. އެގޮތަށް ޓެސްޓް ބާއްވަނީ ހުރިހައި އުމުރުފުރައެއްގެ ހުރިހައި ދާއިރާއެއްގެ ފަރުދުންނަށްވެސް ފުރުސަތު ފަހި ކުރުމުގެ ގޮތުންނެވެ. އަދި އަލަށް ވަޒީފާއަށް ނިކުންނަ ފަރާތްތަކަށްވެސް ފަސޭހަ ކުރުމަށްޓަކައި އާދައިގެ އެޑްމިން ސްޓާފުންގެ ޓެސްޓް ޕޭޕަރަކީ އެގުޒެކެޓިވްއިންނަށް ބާއްވާފަދަ އުނދަގޫ ޕޭޕަރެއް ނޫނެވެ.

ޓެސްޓްގެ ވަގުތު ހަމަޖައްސަނީ އާންމުގޮތެއްގައި މުވައްޒަފަކު ލައްވައި ޓެސްޓް ހެދުމަށް ހޭދަވާ ވަގުތައް ބަލާފައި ކަމުގައިވާތީ ޓެސްޓް ހެދުމަށް ލިބޭ ވަގުތު ބޭނުންކޮށް ރަނގަޅަށް ހިފައި ގިނަ މާރކްސް ލިބޭ ސުވާލުތަކަށް ގިނަ ވަގުތު ހޭދަކުރާށެވެ. އަދި ޓެސްޓް ޕޭޕަރު ނިންމާށެވެ. ކައުންސިލަކީ ސިޓީ ބިޓީ ލިޔާ ތަނެއްކަމުގައިވާތީ އެފަދަ އެއްޗިސް ލިޔަން އަންނާނެކަން ހަނދާނުގައި ބަހައްޓައިގެން ތައްޔާރުވާށެވެ.

އިމްތިޚާނުގައި ބައިވެރިނުވެވިދާނެ ކަމުގެ ބިރަށް ވަޒީފާއަށް ކުރިމަތި ނުލައި ނުހުންނާށެވެ. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުރިނަމަވެސް އެ އިންތިޒާމު ފަހި ކުރެވިގެންދާނެއެވެ. އެގޮތުގެ މަތީން މީގެ ކުރިން ކުމުންދޫ ކައުންސިލްގެ ފަރާތުން ވެރިކަން ކުރާ މާލޭ ސިޓީގައި ހުރި ކެނޑިޑޭޓަކަށްވެސް އިމްތިޚާނުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ދީފައެވެ.

ޕްރެކްޓިކަލްސް

ބައެއްފަހަރު، ޓެކްނިކަލް ކަންކަން ކުރަން އެނގޭތޯ ބެލުމުގެ ގޮތުން މިސާލަކަށް ފައިނޭންސް އޮފިސަރ ނަމަ ފައިނޭންސް އާއި ގުޅޭ (މުސާރަ ޝީޓް/ ފައިސާ ބެލެހެއްޓުން) ފަދަ ކަމަކަށް ޕްރެކްޓިކަލްސް ބާއްވައެވެ. ކޮންޕިއުޓަރ ޓެކްނީޝަނެއް ނަމަ ކޮންޕިއުޓަރގެ މައްސަލަ އެއް ނުވަތަ ކައުންސިލުން ބޭނުންވާ ކަހަލަ ކުޑަ ކޮންޕިއުޓަރ ފީޗާއެއް ތައްޔާރު ކުރުންފަދަ ކަންކަން ހަވާލު ކޮށް އުޅެއެވެ.

އެހެންނަމަވެސް، ކުރިމަތިލައިފައިވަނީ އެޑްމިން ސްޓާފުންގެ ވަޒީފާއެއްކަމުގައިވާތީ ޕްރެކްޓިކަލްސް ނުބާއްވާނެއެވެ. އަދި ސަޕޯޓް ސްޓާފުންނަށްވެސް ނޯންނާނެއެވެ.

ޕްރެޒެންޓޭޝަން

އާންމު ޕްރެޒެންޓޭޝަން ބާއްވަނީ އެމް.އެސް 3 (ސީނިއަރ މެނޭޖްމެންޓް ލެވެލް) އިން މަތީގެ ރޭންކުގެ މަތީގެ ފަރާތްތަކަށް ނަމަވެސް އިދާރާއިން ބޭނުންވެއްޖެ ނަމަ އެޑްމިން ސްޓާފުންނަށްވެސް ޕްރެޒެންޓޭޝަނަކާއި އެކުގައި އިންޓަވިއު ކުރިއަށް ގެންގޮސްދާނެއެވެ. ވުމާއި އެކު ތައްޔާރުވުމަކީ ރަނގަޅު ގޮތެކެވެ. 48 ގަޑިއިރު ކުރިން ޕްރެޒެންޓޭޝަން އޮންނަނަމަ ކެނޑިޑޭޓަށް ހުރިހައި ތަފްސީލަކާއި އެކުގައި ފޮނުވާނެއެވެ. ސަޕޯޓް ސްޓާފުންނަށް ޕްރެޒެންޓޭޝަން ބާއްވައި ނުހަދައެވެ.

އެޑްމިން ސްޓާފަކަށް ޕްރެޒެންޓޭޝަން ދޭނަމަ ބޭނުންކުރަނީ މައްސަލައެއް ހުށަހެޅުމަށާއި އެމައްސަލަ ދިރާސާކޮށް ހައްލުކުރުމަށް 5 ޕޮއިންޓް އަދި މުޢާމަލާތު ކުރުމުގެ ހުނަރާއި ކޮންފިޑެންސް އަށް 5 ޕޮއިންޓެވެ. އަދި ހިމަނަށް އިދާރާއަކުން އަންގާ ބައިތަކެވެ.

އިންޓަވިއު

އިންޓަވިއު ބޭއްވުމުގެ 48 ގަޑިއިރު ކުރީން އިދާރާއިން ލިއުމުން އެކަން އެ ކެނޑިޑޭޓަށް އަންގާނެއެވެ. އަދި އިންޓަވިއު ޕެނަލްގައި ތިބޭނީ ކެނޑިޑޭޓުންނާއި އަދި ޕެނަލްގެ އެހެން މެމްބަރުންނާއި ޢާއިލީ ގުޅުމެއްނެތް ( މަންމަ، ބައްޕަ، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް، އަނބެއް ނުވަތަ ފިރިއެއް) ފަރާތްތަކެވެ. އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފަކު ހިމެނުމަކީ އާންމުކޮށް ކުރާ ކަމެކެވެ. ދެން ހިމަނަނީ އެ ރޭންކްގެ ނުވަތަ އެއަށްވުރެ މަތީ ރޭންކްގެ މުވައްޒަފުންނެވެ.

ކައުންސިލްގެ އިންޓަވިއު ޕެނަލްގައި އާންމުގޮތެއްގައި ތިބެނީ އެއިރެއްގައި ކައުންސިލްގެ އެންމެ ސީނިއަރ މުވައްޒަފުންނެވެ.

އިންޓަވިއު އަށް އަންނަ އިރު ޓެސްޓް/ޕްރެކްޓިކަލްގެ ނަތީޖާ އިންޓަވިއު ޕެނަލިސްޓުންނަށް އާންމުގޮތެއްގައި އެނގޭނެއެވެ. އަދި އިންޓަވިއުގައި ބައިވެރިނުވެވިދާނެ ކަމުގެ ބިރަށް ވަޒީފާއަށް ކުރިމަތި ނުލައި ނުހުންނާށެވެ. ކޮންމެތަނަކުގައި ހުރިނަމަވެސް އެ އިންތިޒާމު ފަހި ކޮށްދޭނެއެވެ. އެގޮތުގެ މަތީން މީގެ ކުރިން ކުމުންދޫ ކައުންސިލްގެ ފަރާތުން އޮންލައިންކޮށް ކެނޑިޑޭޓަށް އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ދީފައެވެ. އެގޮތަށް ބައިވެރިވާނަމަ ހަމަހިމޭން އަދި ފުރިހަމައަށް އިންޓަނެޓް ކަނެކްޝަން ލިބޭކަން ކަށަވަރުކުރުމަކީ ކެނޑިޑޭޓް ކުރަންޖެހޭނެ ކަމެކެވެ.

 

އިންޓަވިއުއިން ޕޮއިންޓް ހޯދޭނެ ގޮތްތައް

އިންޓަވިއުއށް ޕޮއިންޓް ދެނީ 0 ން 5 އާ ދޭތެރޭގެ ރޭޓިންގ ސްކޭލްއެއް ބޭނުންކޮށްގެންނެވެ. އެއީ :

0ކުރެވުނު ސުވާލަށް ޖަވާބު ނުދެވުން. ދިން ޖަވާބު ރަނގަޅު ނުވުން ނުވަތަ އެއްވެސް ގުޅުމެއް ނެތުން. އެއްވެސް މިސާލެއް ދެއްކިފައި ނުވުން
1ދިން ޖަވާބުގައި ރަނގަޅު ނުކުތާތަކެއް ހިމެނުނު ނަމަވެސް މައިގަނޑު މައްސަލައަށް ޖަވާބު ދެވިފައިނުވުން ނުވަތަ އެންމެ މުހިންމު ނުކުތާތަކަށް އަލިއަޅުވާލެވިފައި ނުވުން. އެއްވެސް މިސާލެއް ދެއްކިފައި ނުވުން ނުވަތަ ދެއްކި މިސާލަކީ އެކަށީގެންނުވާ ނުވަތ ގުޅުމެއް ނެތް މިސާލަކަށްވުން
2ދިން ޖަވާބުގައި ރަނގަޅު ނުކުތާތަކެއް ހިމެނުނު ނަމަވެސް ބައެއް ގުޅުމެއް ނެތް ނުކުތާތައް ހިމެނުން. ގުޅުންހުރި ބައެއް މިސާލުތައް ދެއްކިފައިވުން
3ގުޅުން ހުރި ނުކުތާތަކަށް އަލިއަޅުވާލެވިފައިވުން. ގުޅުންހުރި މަޢުލޫމާތުތައް ޖަވާބުގައި ފުރިހަމަވުން. ގުޅުންހުރި ބައެއް މިސާލުތައް ދެއްކިފައިވުން.
4ކުރެވުނު ސުވާލަށް އެކަށީގެންވާ ރަނގަޅު ޖަވާބެއް ދެވުން. ގުޅުންހުރި މަޢުލޫމާތުތައް ޖަވާބުގައި ފުރިހަމަވުން. ހުރިހާ ނުކުތާތަކަށް އަލިއަޅުވާލެވިފައިވުން. ރަނގަޅު މިސާލުތައް ދެއްކިފައިވުން.
5ކުރެވުނު ސުވާލަށް ފުރިހަމަ ޖަވާބު ދެވުން. ހުރިހާ ނުކުތާތަކަށް އަލިއަޅުވާލެވިފައިވުން. ފާހަގަކުރި ނުކުތާތައްވެސް ކުރެވުނު ސުވާލާ ގުޅުންހުރުން. ރަނގަޅު މިސާލުތައް ދެއްކިފައިވުން.

 

މަތީގައިވާ ރޭޓިން ސްކޭލް އަށް ވިސްނުމަށްފަހު އިންޓަވިއު ކުރިއަށް ދާނެ ގޮތް ބަލަމާހެއްޔެވެ.

ކޮންމެ ކަހަލަ ވަޒީފާއެއްގެ އިންޓަވިއުގެ ސުވާލުތަކަށްވެސް އާނއެކޭ ނުވަތަ ނޫނެކޭ ބުނެ ނިންމާލެވިދާނެއެވެ. އެއިރުން އެކަމަކު ލިބޭނީ 0 ނުވަތަ 1 އެވެ. މަތީން މާކްސް ހޯދަން ބޭނުންނަމަ ވާހަކަ ދައްކާށެވެ. މިސާލު ދޭށެވެ. ފުރިހަމަ ޖަވާބުތަކެއް ދޭންވާނެއެވެ. ވާހަކަ ދައްކާށޭ ބުނުމުން ބޮޑުތަކުރުފާނުގެ ވާހަކަ އަށް ކޮންމެ ސުވާލެއް ގެންގޮސްފިނަމަ އިންޓަވިއު ޕެނަލްގައި ތިބޭ ޕެނަލިސްޓުން ފަހު ސުވާލުތައް އަވަސް ކޮށްލައި ނިންމުމަށް އުޅުން އެކަށީގެންވެއެވެ. މިގޮތަށް ދިއުމުން ބައެއް ސުވާލުތައް ނުކޮށް ކުރުކޮށްލުމުން ކުރެވޭ ސުވާލުތަކަށް ވަރަށް ފުރިހަމައަށް ޖަވާބު ނުދެވިއްޖެނަމަ އެ ސުވާލުތަކަށް ޕޮއިންޓް ހޯދުމަށް ދަތިވާނެއެވެ. އަދި މާ ކުރުކޮށްލުމުން މިސާލު ނުދެއްކި ދެވުނު ޖަވާބު ގޯސްވެސް ވެދާނެއެވެ.

ވާހަކަ ދެއްކުމުގައި ތިމާއަކީ ތިމާވަރުގެ މޮޅު އެހެން މީހަކު ނެތްކަން ދޭހަވާ މޭރުމަށް ނުދިއުމަށްޓަކައި އަދި ތިމާގެ ފެންވަރު ދަށް ކުރަމުން ގޮސް އެއްވެސް އެއްޗެއް ނޭނގޭ މީހެއްކަން ފާޅުވާ ގޮތައް ނުދިޔުމަށްޓަކައި ޕެނަލް އިން ކުރާ ސުވާލުތަކަށް ޖަވާބު ދޭއިރު ވިސްނައިގެން ތިމާގެ ޤާބިލުކަން ސާބިތު ކުރަން މަސައްކަތް ކުރާށެވެ. މިގޮތައް ކަންތައް ދިމާވަނީ އިންޓަވިއު ކުރިއަށް ދާއިރު އަމިއްލަ މީހާ މޮޅު ކުރުމަށް ބުނެވޭ އެއްޗެއްގެ ސަބަބުން އިންޓަވިއު ޕެނަލިސްޓުން ކުރާ ސުވާލަށް ދެވޭ ޖަވާބެއްގެ ސަބަބުންނެވެ. އިންޓަވިއު ކުރިއަށްދާނީ ތިމާ ދައްކާ ވާހަކަ އަށް ބިނާކޮށްފައި ކަމުގައި ވާތީ ތިމާ ދައްކާވާހަކަ ސާބިތު ކޮށްދެވޭންވާނެއެވެ. އަދި ޖަވާބު ނުދީ ދޫކޮށްލައިފިނަމަ އެބަޔަށް ޕޮއިންޓް އެއް ނުދޭނެއެވެ.

ތިމާ ވަޒީފާއަށް އަށް ނަގަނީ އެ އިދާރާއެއްގެ ބޭނުމުގައެވެ. ވުމާއި އެކު އިންޓަވިއުގައި ތިމާ އެ އިދާރާއަށް ކޮށްދެވޭނެ ކަންކަމަށް ވިސްނާށެވެ. ތިމާ ކިތަންމެ މޮޅަސް އެތަނަށް އެކަށީގެންވާ މީހެއްކަން ސާބިތު ނުކޮށްދެވިއްޖެނަމަ އިންޓަވިއުއިން ލިބޭ މާކްސް ދައްވާނެއެވެ.

އިންޓަވިއު ކުރިއަށްދާއިރު ހާސްވެ، ބިރުގަނެފައި ހުރެގެން ކެނޑިޑޭޓުން ޖަވާބުދެއެވެ. އިންޓަވިއު ކުރިއަށް ދާނީ ޕްރެޝަރ ކޮށް ކަންބޮޑުވާ ގޮތަކަށް ނޫނެވެ. ފުންނޭވާއެއްލާށެވެ. ހަމަޖެހިލާށެވެ. ވިސްނާލުމަށްފަހުގައި ޖަވާބު ދޭށެވެ. ޕެނަލިސްޓުންނަށް ހާސްވެފައިވާކަންފާހަގަ ވުމުގެ ސަބަބުން އިންޓަވިއުގައި އެހެން ކެނޑިޑޭޓުންނަށް ކުރާ ސުވާލުތައް ތިލަކުރުމަށްފަހު ކުރުމާއި ހިތްހަމަޖެއްސުމުގެ ގޮތުން ބައެއް ސުވާލުތަކުގައި ސަމާސާ ރާގެއް ޖެއްސުމަށްފަހުވެސް ކެނޑިޑޭޓަށް އެކަން ފާހަގަ ނުވާގޮތައް އެ ކެނޑިޑޭޓްއަށް އަމިއްލައަށް މި އިންޓަވިއު ކުރިއަށް ގެންދެވޭނެކަމުގެ އިހްސާސް ކޮށްދެވޭތޯ ޕެނަލިސްޓުން ބަލާނެއެވެ.

ވުމާއި އެކު ޕެނަލިސްޓުން ކެނޑިޑޭޓުންގެ އަޑުގެ ރާގާއި، މޫނު އަދި އަތުގެ ހަރަކާތްތައް ހުންނަގޮތް ބަލައި މޮނިޓަރ ކުރާނެއެވެ. ވުމާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި ކެނޑިޑޭޓްގެ ހެދުމާއި ގޮނޑީގައި އިށީންނަގޮތާއި ދޮރު ހުޅުވުމަށްފަހު ވަންނަ ގޮތަކީ ޕެނަލިސްޓުންގެ ސިކުނޑީގައި ހުންނާނެ ކަމެކެވެ. ނުފެނުނު ނަމަވެސް ރިސެޕްޝަން/ވެއިޓިން ހޯލްގައި މަޑުކޮށްގެން ތިބޭއިރާއި ރިސެޕްޝަނުގައި ތިބޭ މުވައްޒަފުންނާއި އެދުވަހު މުޢާމަލާތްކުރިގޮތާއި އިމްތިޚާނަށް ހާޒިރުވުމުގައި ހެދުން އެޅިގޮތާއި ހާޒިރުވި ގަޑިއަކީވެސް ޕެނަލިސްޓުންގެ މެދުގައި ބައެއްފަހަރު މަޝްވަރާ ކުރެވޭ ކަންކަމެވެ. މީގެ އިތުރުން އިމްތިޚާނު ވަރަށް އަވަހަށް ނިންމި ކެނޑިޑޭޓުންނާއި އިމްތިޚާނު ނުނިންމުނު ކެނޑިޑޭޓުންގެ މަޝްވަރާވެސް ބައެއްފަހަރު ކުރެވެއެވެ.

އިންޓަވިއު ފެށުމުގެ ކުރީން ލިބޭ ތަޢާރަފް ވުމުގެ ފުރުސަތުގެ ބޭނުން ހިފާށެވެ. އެންމެން ބޭނުންކުރާ ތަޢާރަފްގެ އާއި ތަފާތު ގޮތަކަށް ތަޢާރަފް ވެލާށެވެ. އެއީ އިންޓަވިއު ޕެނަލްގައި ތިބި ޕެނަލިސްޓުންގެ ސިކުނޑީގައި ބަހައްޓަން ބޭނުންވާ މަޢުލޫމާތެއް ބުނަން ލިބޭ ފުރުސަތެވެ. އެ ފުރުސަތުގައި، ނަމާއި އެޑްރެހާއި، ކުމުންދޫ ސްކޫލުން ކިޔެވިކަމާއި ނިންމީ މިވެނި ދުވަހެއްކަމާއި ސެޓްފިކެޓްތަކުގެ ވާހަކަ ބުނެ ނިމޭއިރު ޕެނަލިސްޓުން އެހައި އަޅައެއް ނުލާނެއެވެ. އައިޑީ ކާޑުން އެ މަޢުލޫމާތު އެނގޭނެއެވެ. ކިއެވި ސެޓްފިކެޓްތަކުން ދެން ދެއްކި ހުރިހާ މަޢުލޫމާތެއް އެނގޭނެއެވެ. ނުވިތާކަށް ކެނޑިޑޭޓް އައުމުގެ ކުރިން މި މަޢުލޫމާތުތައް ޕެނަލިސްޓުންވާނީ ފޯރުކޮށްދީފައިވުމުން ޕެނަލިސްޓުން އެމަޢުލޫމާތުތައް ބަލާނެއެވެ. ލިއުމުން ފެންނަ އޮތް އެއްޗެއްގެ ވާހަކަ ދައްކާނަމަ އެ ދައްކާ ވާހަކަ އަޑުއަހަންވީ ކީއްވެހެއްޔެވެ؟ އެހެންކަމުން ޝައުޤުވެރި އަޑުއަހާ ހިއްވާ ތަޢާރަފެއް ދޭށެވެ. ޕެނަލިސްޓުންނަށް ނޭނގޭ މަޢުލޫމާތަކުން ނުވަތަ ސެޓްފިކެޓަކުން ނުފެންނަ ވާހަކަ އަކުން ފެށުމުން އަޑު އެހުމަށް މަޖުބޫރުވާނެއެވެ.

ތިބާ ނަގަންވީ ކީއްވެހެއްޔެވެ؟ ސެޓްފިކެޓް އޮތީމައި؟ އެހެންމީހުންގެވެސް ސެޓްފިކެޓް އެބައޮތެވެ. ދެން އެހެންވީމައި ވަޒީފާ ބޭނުންވީމައި؟ އެހެންމީހުންވެސް ވަޒީފާއަށް ކުރިމަތިލީ ބޭނުންވާތީއެވެ. ހަވާލު ކުރާ މަސައްކަތް ނިންމައި ބުރަކޮށް މަސައްކަތް ކުރާނެތީ؟ ތިބުނީ ދެން ތިބި މީހުންނަށް މަސައްކަތް ހަވާލުކޮށްފިއްޔާ ނުނިންމޭނެ ވާހަކަ ހެއްޔެވެ. ނޫނީ އެމީހުން ބުރަކޮށް މަސައްކަތް ނުކުރާނީ ހެއްޔެވެ. ތިބާ އާއި ދެންތިބި ކެނޑިޑޭޓުންނާއި ތަފާތުވެ އެ މީހުންނަށް ވަޒީފާ ނުލިބި ތިބާ އަށް ލިބެންވީ ސަބަބެއް ކިޔައިދޭންވާނެއެވެ.

ހަމަ އެގޮތަށް ކެނޑިޑޭޓް އަށް އިންޓަވިއު ނިމުމުން ސުވާލު ކުރަން ލިބޭ ފުރުސަތުގެ ބޭނުން ހިފާށެވެ. ސުވާލު ކުރާއިރު ތިބާ ވަޒީފާ ބޭނުންވާ ކަމަށް ދޭހަވާ މޭރުމުގެ ސުވާލު ކުރާށެވެ. މިއީ އެންމެ ފަހުން ޕެނަލިސްޓުންނަށް އަމާޒުކޮށް އެއްޗެއް ބުނަން ލިބޭނެ ފުރުސަތެވެ. ޕެނަލިސްޓުންގެ ޙިޔާލު ބަދަލުކުރަން ލިބޭ އެންމެ ފަހުގެ ފުރުސަތެވެ.

ސަޕޯޓް ސްޓާފް

އިންޓަވިއުގެ ސުވާލުތައް ބިނާވަނީ 10 ދާއިރާކަށެވެ. އެއީ؛

  1. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުނަރު ލިބިފައިވާ މިންވަރު
  2. އައު މަސައްކަތްތައް ދަސްކުރުމުގެ ޤާބިލުކަން
  3. އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން
  4. އެހެން މީހުންނަށް ބަރޯސާނުވެ އަމިއްލައަށް މަސައްކަތްކުރުމުގެ ޤާބިލުކަން
  5. މަސައްކަތާ ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު
  6. މަސައްކަތް ކުރުމުގައި އަމަލުކުރަންޖެހޭ ޤާނޫނާއި ޤަވާއިދުތަކަކީ ކޮބައިކަން އެނގި ހުރި މިންވަރު
  7. މަސައްކަތުގެ ދާއިރާގައި ނަޒާޙަތްތެރިވުމަކީ ކޮބައިކަން އެނގުން
  8. އޮފީހަށް އެންމެ ފައިދާހުރި ގޮތަށް މަސައްކަތްކުރުމަކީ ކޮބައިކަން އެނގުން
  9. މަސައްކަތަށް ޝައުޤުވެރިކަންހުރުން
  10. ސާފު ސާދާ ބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން

 

އެޑްމިން ސްޓާފުން

  1. ވަޒީފާގައި އަދާކުރަންޖެހޭ ދައުރު އެނގިފައިވުން
    • ވަޒީފާގެ އިއުލާނުގެ މަސްއޫލިއްޔަތުތައް ކިޔައި އެއަކީ ކޮންކަންކަމެއްކަން ދެނެގަންނާށެވެ. ހިތުދަސްކޮށްފައިވާ ފަރާތްތަކާއި އެ އިއުލާނުގައިވާ މަސްއޫލިއްޔަތުތަކީ ކޮންކަންކަމެއްކަށް އެނގިހުރެ ކިޔައިދޭ ފަރާތްތަކީ ކޮބައިކަން އިންޓަވިއު ޕެނަލިސްޓްއިންނަށް ފާހަގަވާނެއެވެ. ދެ މަސްއޫލިއްޔަތު ބުނެދޭން އެދެފިނަމަ ދެ މަސްއޫލިއްޔަތު އިއުލާނުގައި ހުރި ގޮތަށް ބުނުމަށްފަހު ނިންމާލުމުން އެންމެ ފުރިހަމައަށް މާރކްސް ނުހޯދޭނެއެވެ. މިސާލަކަށް އެންމެ ފުރަތަމަ މަސްއޫލިއްޔަތުގައިވާ ” ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން” ބުނުމަށްފަހު ވިޔަސް އެއިގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް އަކީ ކާކުކަން ފާހަގަ ކޮށްލައި ޕެނަލްގައިވާނަމަ އެކަން ބުނެލުމުން ޕެނަލިސްޓުންނާއި ރަނގަޅު ގުޅުމެއް ޤާއިމު ކުރުމަށް ފަސޭހަވާނެއެވެ.
    • މީގެ އިތުރުން މަސްއޫލިއްޔަތުތަކުގައި ހިމެނޭ ކަންކަމާއި ގުޅޭ ސުވާލުތައް ކުރެވޭނެއެވެ. އެއިގެ ތެރޭގައި އ.ތ.މ.ކ އަކީ ކޮބައިކަމާއި ލިއެކިއުމަށް ޖަވާބު ދިނުމާއި ކައުންސިލް ބައްދަލުވުންތަކާއި ސޯޝަލް މީޑިއާ އާއި ބޭނުންކުރާ އާންމު ޕޯޓަލްތަކާއި ސްޓޮކާއި ފައިސާއާއި އިދާރީ މަސައްކަތްތަކާއި ޕްރޮކިއުމެންޓާއި ރިޕޯޓުތަކާއި ހަމައޖައްސަންޖެހޭ އިންތިޒާމުތަކާއި ޕްލޭންތަކާއި ގުޅިގެން ސުވާލު ކުރެވިއްޖެނަމަ ޖަވާބު ދިނުމަށް ތައްޔާރުވާންވާނެއެވެ.
    • ތިމާއަކީ އެޑްމިން ލެވެލްގެ ވަޒީފާއަކަށް ކުރިމަތިލި ފަރާތެއްކަމުގައިވާތީ ޖަވާބު ދޭ އިރު އެކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން ޖަވާބުތައް ފަރުމާކުރާށެވެ. އެންމެ ފުރަތަމަ މަސްއޫލިއްޔަތުގައިވަނީވެސް ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް އަށް ޖަވާބުދާރީވުމެވެ. ދެން ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުންދީ އަދި ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ ދަށުން އިދާރީ މަސައްކަތްތައް ކުރުމެވެ. ބައެއްފަހަރު ޖަވާބުތައް ދިނުމުގައި އަމިއްލައަށް ކަންކަން ނިންމައި ކުރާ ބީދައިން ސީނިއަރ ލެވެލްގެ މުވައްޒަފުންގެ އިންޓަވިއުގައި ދެކެވޭ ގޮތައް ކެނޑިޑޭޓަށް ޖަވާބު ދެވޭގޮތްވެއެވެ.
    • ކައުންސިލަކީ ކޮބައިކަމާއި ކައުންސިލްގައި އަދާކުރަންޖެހޭނެ އާންމު މަސައްކަތްތަކާއި އަދި ކައުންސިލުން އާންމުކޮށް ކޮށްއުޅޭ މަސައްކަތާއި ދޭ ޚިދުމަތްތަކަށް ބިނާކޮށް ޖަވާބުތައް ދިނުމަށް މަސައްކަތްކުރާށެވެ.
  2. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުނަރު ލިބިފައިވާ މިންވަރު
    • މަތީގައި ވާ މަސައްކަތުގެ ދައުރު އަދާކުރުމަށް ތިމާއަށް މީގެ ކުރިން ލިބިފައިވާ ހުނަރު ތަކާއި ގުޅިގެން ސުވާލު ކުރެވޭނެއެވެ. އެންމެ ފުރަތަމަ ކުރެވޭނީ ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށް ބިނާކޮށެވެ. އެއިގެ ފަހުން ސީވީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކެވެ.
    • ހުނަރު ސާބިތުކޮށްދިނުމަށް އިންޓަވިއުއަށް ހާޒިރުވާއިރު ކޮށްފައިވާ ހުނަރު އިތުރުކުރުމުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކެއް ގެނައުންވެސް ރަނގަޅުވާނެއެވެ. އަދި އެ ސުވާލު ކުރުމުން ޕެނަލިސްޓުންނާއި ހަވާލުކުރުމުން ބޮޑަށް ބަލައިގަނެވޭނެއެވެ.
    • ތިމާ މިހާރު ކުރާ މަސައްކަތާއި ގުޅިގެން ސުވާލު ކުރެވޭނެއެވެ. އެފަދަ ލިއުމެއްވެސް ލިބޭނަމަ ގެންނާށެވެ. އެލިއުމަށް މާރކްސް ނުލިބުނު ނަމަވެސް އިންޓަވިއު އިން މަތީން މާރކްސް ހޯދަންބޭނުން ނޫންހެއްޔެވެ. މަސައްކަތެއް ނުކުރިނަމަވެސް ދެރަނުވާށެވެ. ކުރިން ކޮށްފައިވާ މަސައްކަތުގެ ވާހަކަ ދައްކާށެވެ. އިންޓަރންޝިޕް އެއް ފުރިހަމަ ކުރިނަމަ އެކަންވެސް ބަޔާންކުރާށެވެ. ތިމާ މިހާރު މަސައްކަތްތަކަށް އަހުލުވެރިވުމުގެ ގޮތުން އޮންލައިންކޮށް ކުރުމުއްދަތުގެ އެކި ތަމްރީނު ކޯސްތައް ފުރުމުގެ މަސައްކަތް ކުރާކަންވެސް ސާބިތު ކޮށްދެވޭނެއެވެ.
    • ތިމާ އަށް ލިބިފައިވާ ސިޓީ ލިއުމާއި ވާހަކަ ދެއްކުމުގެ ހުނަރާއި ގްރެފިކްސް ޑިޒައިނިން ހުނަރާއި ފޮޓޯނެގުމުގެ ހުނަރާއި މުއާމަލާތުކުރުމުގެ ހުނަރުވެސް ހިމެނެއެވެ.
  3. ރޭވުންތެރިކަމާއެކީ މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު
    • މިކަމުގައި އާންމުކޮށް ސުވާލުކޮށް އުޅެނީ ވަކި ކަމެއް ހަވާލުކޮށްފިނަމަ އެކަމެއް ކުރާނެ ގޮތުގެ މަޢުލޫމާތު ހޯދުމުގެ ގޮތުންނެވެ. ކުރެވޭނެކަން ސާބިތު ކޮށްދިނުމުގެ އިތުރުން ރޭވުންތެރިކަމާއި އެކުގައި ކަން އެމަސައްކަތްކުރީ ސާބިތު ނުކޮށްދެވެއެވެ. އެއީ ވިސްނާލުމަށްފަހުގައި ޖަވާބުދޭން ފެށުމުގެ ބަދަލުގައި ވަގުތުން ޖަވާބުދޭން ފެށުމުންނެވެ. އެއިގެ ބަދަލުގައި ތިމާ އަމިއްލައަށް ވިސްނާލާން ވަގުތުކޮޅެއް ހޯދުމުގެ ގޮތުން ތިރީގައިމިވާ ގޮތަށް އިންޓަވިއުގެ ޖަވާބު ފަރުމާކޮށްފިނަމަ އިތުރު ވަގުތު ލިބިގެންދާނެއެވެ. ޕެނަލިސްޓް ކައުންސިލްގެ ފަރާތުން ދުވަހެއް ފާހަގަ ކުރަން ހަވާލުކުރުމުން ގެންދާނެ ގޮތް ކިޔައި ދިނުމަށް އެދެފިނަމަ ބުނެވިދާނެ ޖަވާބެއް އެއީ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސުވާލުމުބާރާތެއް ގެންދާނެ ގޮތް އެންމެ ރަނގަޅުތޯ. އެއިރަށް ޕެނަލިސްޓްއިން ކުޑަވަގުތު ކޮޅެއް ނަގާނެ އެންމެ ރަނގަޅުކަމުގައި ބުނުމަށް. ވިސްނާލުމަށް ލިބޭ ވަގުތުކޮޅު އިތުރުވީއެވެ. އަދި ޕްލޭންކޮށްލައިފައި ފަށާށެވެ. ޕެނަލިސްޓުން ދޭ މިސާލަކާއި ތަފާތު ގޮތަކަށް ގޮސްފިނަމަ އެހެން ކެނޑިޑޭޓުން ދެއްކި ވާހަކައާއި ޕެނަލިސްޓުން އަށް އަޅައި ކިޔުމުގެ ބަދަލުގައި ތިމާގެ އިންޓަވިއުގެ ވާދަވެރިކަން ކުޑަވާނެއެވެ.
    • އާންމު މަސައްކަތުގައި ދިމާވާ ދަތިތަކާއި ކުރިމަތިލައި އެ ދަތިތައް ފިލުވުން ނުވަތަ އެ ދަތިތަކާއި އެކުގައިވެސް މަސައްކަތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ތައްޔާރުވެފައި ހުންނަންވާނެއެވެ.
  4. ޙަވާލުކުރެވޭ މަސައްކަތްތައް ފެންވަރު މަތިކޮށް އަވަހަށް ނިންމުމުގެ ޤާބިލުކަން ހުރި މިންވަރު
    • މިއީ އާންމުކޮށް އިންޓަވިއުން ކެނޑިޑޭޓުން އެޑްމިން ސްޓާފުންގެ ލެވެލްއިން މަތީން ސީނިއަރ ލެވެލްގެ ވިސްނުމުގައި ހުރެގެން ޖަވާބު ދޭ ބައެއްކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް ސިޓީއަކަށް ޖަވާބުދޭނީ ކިހިނެއްހޭ އެހުމުން އަމިއްލައަށް ސިޓީ ބަލައިގަނެ، ސިޓީ ޖަވާބު ތައްޔާރުކޮށް ސިޓީގެ ޖަވާބު ރައްޔިތު މީހާއަށް ދޭނެ ވާހަކަ ބުނެވޭތަން އާދެއެވެ. 1.3 ގައި ބުނެވުނު ގޮތައް ވިސްނަންވީ ކަންކަން ކުރަމުންދާނީ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުންކަމެވެ. އަދި އިދާރާއިން ފޮނުވާ ހުރިހާ ލިއުމަކީ ކައުންސިލްގެ ރައީސްގެ ހުއްދައާއި އެކުގައި ފޮނުވޭ އަދި އާންމުކޮށް ކައުންސިލްގެ ރައީސް ނުވަތަ ރައީސް ހުއްދަދީފައިވާ ފަރާތަކުންކަމުގައި ލިއުންތަކުގައި ސޮއިކުރާނީ. ވުމާއި އެކު ތިމާ އަމިއްލައަށް ސިޓީލިއެ ރައްޔިތު މީހާއަށް ޖަވާބު ނުދެވޭނެ ކަމުގައެވެ.
    • އޮފީހަކީ ކުއްލިއަކަށް މަސައްކަތްތައް ހަވާލުކުރެވޭ ތަނެއް ކަމުގައިވާތީ ބައެއް މަސައްކަތްތަކީ ރޫޓިން އިން ބޭރު މަސައްކަތްތަކެއްކަމުގައި ދެކިގެން އެމަސައްކަތްތައްވެސް ކުރެވޭނެކަން ސާބިތުކޮށްދޭންވާނެއެވެ. އާންއެކޭ ބުނުމުގެ ބަދަލުގައި ކަމަކާއި ގުޅުވާލެވޭތޯ މަސައްކަތް ކުރާށެވެ.
    • ވަކި ޕްލޭނެއްގެ ދަށުން މަސައްކަތެއް ކުރަމުން ދަނިކޮށް އެ ޕްލޭނުން ކަސިޔާރުވެގެން ދިއުމުން އެކަން ނިންމާނެ ގޮތެއްވެސް ވިސްނާފައި ބޭއްވުމުން އިންޓަވިއުއަށް އައުމުން ޖަވާބުތައްޔާރުކުރަން ފަސޭހަވާނެއެވެ.
  5. އައު މަސައްކަތްތައް ދަސްކުރުމުގެ ޤާބިލުކަން ހުރި މިންވަރު
    • ދުވަހަކުވެސް ނުކުރާ މަސައްކަތެއް ކުރަން ހަވާލުކޮށްފިނަމަ ކުރާނެގޮތް ހޯދުމުގެ ގޮތުން ކެނޑިޑޭޓަށް އެކަމުގެ މަޢުލޫމާތު ނޭނގޭނެ ކަމެއްގެ ވާހަކަ އެހުން ގާތެވެ. މިސާލަކަށް ކައުންސިލުން ބޭނުންކުރާ ޕޯޓަލްއެއް ބޭނުންކުރަން ހަވާލުކުރުމުން ހަދާނެ ގޮތަކާއި މެދު ސުވާލު ކޮށްފައިވާނެއެވެ. ނަމަވެސް ވިސްނަންވީ ތިމާގެ ސްޕަވައިޒަރަކާއި އިރުޝާދު ދޭނެ ބައެއް ކައުންސިލުގައި ތިބޭނެކަމެވެ. ވުމާއި އެކު ޖަވާބުގައި އެކަމަށް އަލިއަޅުވާލެވޭނެއެވެ. ދާނެ ދިމާލަކަށް ދާން މޫދަށް ދޫކޮށްލާ މަހެއް ގޮތަށް ކުރިއަށްދާނެ މަގެއް ނުދައްކައި ދޫކޮށް ނުލާނެކަން ވިސްނައިގެން އެ ފަދަ ސުވާލުތަކަށް ޖަވާބު ދިނުމުން ރަނގަޅުވާނެއެވެ.
    • ތިމާ މިހާރުވެސް ކޯހެއް ނުވަތަ ތަމްރީނެއް ހަދާކަމުގައިވާނަމަ އެ ދަސްވަނީވެސް އައު މަސައްކަތެއް ނޫންހެއްޔެވެ. ބުނެދޭށެވެ.
  6. އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު
    • ކައުންސިލުގައި ރަށުގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ އެކި އުމުރުގެ މުވައްޒަފުން އުޅެއެވެ. ވުމާއިއެކު ނުގުޅޭ މިޒާޖުގެ މީހަކާއި ވެސް މަސައްކަތް ކުރަންޖެހިދާނެކަމަށް ވިސްނައިގެން ޖަވާބުދޭށޭވެ. އެހެންމީހުންނާއި ނުގުޅޭނަމަ މިބަޔަށް ޕޮއިންޓް ލިބޭނީ މަދުންނެވެ. މިހާރު އުޅޭ މުވައްޒަފުންނާއި ރަނގަޅު ގުޅުމެއް އޮތުން މުހިންމެވެ.
    • ނުގުޅޭ މިޒާޖެއްގެ މީހަކާއި މަސައްކަތް ކުރެވޭނެކަން ކިޔައިދޭށެވެ. މަސައްކަތްކުރުމަށް ދިމާވެދާނެ ގޮންޖެހުމަކާއި އެގޮންޖެހުމާއި އެކުގައި މަސައްކަތް ނިންމުމާއި އެގޮންޖެހުމުން އަރައިގަންނާނެ ގޮތް ކިޔައިދޭށެވެ.
    • އެހެން މީހުންނާއި ގުޅިގެން މަސައްކަތައް އިތުރުގަޑީގައިވެސް ނިކުންނަން ޖެހޭނެކަމާއި ތިމާ ސަލާމަތް ވުމަށް ތިމާއާއި އެކު މަސައްކަތް ކުރާ އަނެއް މުވައްޒަފު އަލިފާނަށް އެއްލައިނުލާށެވެ. ތިމާވެސް ޗުއްޓީ ނެގުމަށް ބޭނުންވާނެ ފަދައިން ތިމާ އާއި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ޗުއްޓީ ނަގާނެކަމާއި އެކަމަށް ދުރާލާ ތައްޔާރުވެވޭނެކަމާއި އެ މަސައްކަތްތައް ދަސްކުރެވިފައިވާނެ ކަން ސާބިތުކޮށްދޭށެވެ.
  7. އެހެން މީހުންނަށް ބަރޯސާނުވެ އަމިއްލައަށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު
    • ކައުންސިލްތަކުގެ މަސައްކަތް ހުންނަގޮތުން ވަރަށް ގިނައިން ރަށުންބޭރަށް ދާންޖެހެއެވެ. މިނިސްޓްރީތަކާއި ބައްދަލުކުރުމަށް ނުވަތަ އެހެނިހެންކަންކަމުގައެވެ. ވުމާއި އެކު އެކަނި ދަތުރު ކުރެވެންވާނެއެވެ.
    • ސްޕަވައިޒަރ ނެތްނަމަވެސް މަސައްކަތްތައް ކުރެވޭނެކަމާއި އެއްފަހަރު މަސައްކަތުގެ އިރުޝާދު ލިބުމުން މަސައްކަތް ކުރެވޭނެކަމާއި ސްޕަވައިޒަރ ޗުއްޓީ ނެގުމުންވެސް ޒިންމާވާނެ އެހެން ފަރާތެއް ހުންނާނެކަމާއި އެފަދަ ފަރާތެއްގެ އިރުޝާދު ހޯދޭނެކަން ބުނެދެވޭނެއެވެ.
    • އަދި މަސައްކަތުގައި އުޅެންފެށުމުން ކޮންމެ ފަހަރަކު ކަންކަން ނުކިޔައި ދިންނަމަވެސް ކުރިން ވެފައިވާ ކަންކަމަށް ބަލައި އެފިލާވަޅަށް ބަލައި ކަންކަން ކުރާނެ ގޮތް ކިޔައިދެވޭނެއެވެ.
    • މީގެ ކުރިން ލީޑަރޝިޕްގައި ކޮށްފައިވާ މަސައްކަތްތައް މިބައިގައި ކިޔައިދޭށެވެ. އެމަސައްކަތްތައް ކުރިގޮތާއި އިރުޝާދު ހޯދިގޮތެކެވެ.
  8. މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު
    • މިސާލަކަށް ހަވާލު ކުރެވޭ މަސައްކަތެއް ނުނިމުން އަމަލު ކުރާނެގޮތަކާއި ރައްޔިތަކު ކުރާ ޝަކުވާ އަކަށް ޖަވާބު ދާރީވާނެ ގޮތެއް ވިސްނާފައި ބަހައްޓާށެވެ.
    • ގަވައިދުގެ ބޭރުން ކަމެއް ކުރަން ޖެހިއްޖެނަމަ އެކަމެއް ގަވައިދުގެ ތެރެއަށް ފައްތައިގެން އެ ޚިދުމަތެއް ދެވޭނެ ގޮތަކީ ކޮބައި ކަމާއި މެދުގައިވެސް ވިސްނާން ޖެހޭނެއެވެ. މިބުނީ ރަށު ރައްޔިތަކު ޝަކުވާ ކުރަނީ ވައްކަމުގެ މައްސަލައެއްގައި ކަމުގައިވާނަމަ އެއީ ކައުންސިލްގެ އިޙްތިސާސުން ބޭރުގައިވާ ކަމެއްކަމުގައިވާތީ އެކަމެއް ކުރުމަށް އޮންނާނީ ދިވެހީންގެ ފުލުހުގެ ޚިދުމަތުގެ ފަރާތުން ކަމުގައިވާތީ އެކަން އެގޮތައް ފަހިކޮށްދިނުމަށް ފުލުހަށް ގުޅާން ބުނުމުގެ ބަދަލުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު ހޯދައިދިނުމާއި މައްސަލައިގެ ރެފަރެންސް ކޯޑް ނަންބަރު ހޯދާން ވާނެކަމާއި ފުލުހުން ބޭނުންވާނެ ހެކިތައް ރައްކާތެރި ކުރުމަށް އިރުޝާދު ދޭންވާނެއެވެ. ތިމާވެސް ތިމާ ދާނެ ދިމާލަށް ތިމާގެ ސްޕަވައިޒަރ ދޫކޮށް ނުލާފަދައިން ރައްޔިތުމީހާވެސް ދޫކޮށް ނުލާށެވެ.
    • ތިމާ މަސައްކަތުގައި އުޅޭއިރު މަސައްކަތުގެ ތަކެތި ނެތިއްޖެނަމަ އަމަލު ކުރާނެގޮތަކީ ކޮބައިކަމާއި، މިސާލަކަށް އޮފީހުގައި ކުރާ މަސައްކަތަކަށް ބޮޑެތި މެޝިނަރީ (އެކްކަވޭޓަރެއް) ބޭނުން ވުމާއި އަދި ކުދި ކުދި އެއްޗެހި (ލެޕްޓޮޕް) ނުވަތަ ކަރުދާސް ހުސްވުން އަމަލު ކުރާންޖެހޭނީ ކޮންގޮތެއްކަމާއި މެދު ވިސްނާށެވެ.
    • ރައްޔތު މީހާ ކުރާ ޝަކުވާތައް ހައްލުކުރާނެ އާންމު ގޮތަކާއި ނޫނީ އާންމު ގަވައިދުގެ މައްސަލައެއް ހައްލު ކުރާނެ ގޮތަކާއި މެދު ވިސްނާށެވެ.
  9. ޚިދުމަތް ދިނުމުގައި ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކުރާ މިންވަރު
    • މަތީގައި ވާގޮތައް ތިމާގެ ކަސްޓަމަރުން (ރައްޔިތުން) އައިސް ހުއްދަ އަކަށް އެދުމުން ރައްޔިތު މީހާއަށް ފަސޭހަކަމާއި އަވަސް މިނެއްގައި އެހުއްދަ އެއް ހޯދައިދޭނެ މަގު ފަހިކުރާނީ ކިހިނެއްކަމާއި މެދު ވިސްނާށެވެ. ރިސެޕްޝަނުގައި މަސައްކަތް ކުރާނެ ގޮތަކީ ކޮބައިކަމޢި ރައްޔިތުމީހާ އާއި މުއާމަލާތު ކުރާނެގޮތަކީ ކޮބައިހެއްޔެވެ. އަވަސް ކުރަން ބުނުމުން ތިބާ ސްޓްރެސް ހާސްވެއްޖެނަމަ ކިހިނެއްތޯ ރައްޔިތު މީހާ އެދޭ ކަންކަން ހައްލުކޮށްދޭނީ؟
    • ތިމާ މިހާރު އިންޓަވުގައި ކުރިމަތީގައި ތިހުރީ އިންޓަވިއު ޕެނަލްގައި ތިހުރީވެސް ރަށު ރައްޔިތުން ތަކެއް ނޫންހެއްޔެވެ. ވުމާއި އެކު ތިހުރީ އެންމެ އެކަށޭނަ ގޮތެއްގައި ހެއްޔެވެ. މުއާމަލާތު ކުރެވެނީ އެންމެ ރަނގަޅަށް ހެއްޔެވެ.
    • ރައްޔިތު މީހާ އާއި ތިމާ ޖަވާބުދާރީވާން ޖެހޭ މީހުންނާއި އެމީހުން ބޭނުންވެގެން އެދޭ ކަންކަމާއި މެދު އަމަލު ކުރާނެ ގޮތަކީ ކޮބައިތޯއެވެ. ކައުންސިލަށް އަންނަ ރައްޔިތު މީހާ އަށް ޚިދުމަތް ނުދީ ގަޑިއިރު ދެ ގަޑިއިރު ނުވަތަ އެހެން ދުވަހަކު އަންނަން އަންގާފައި ފޮނުވާލާނީތޯއާއި ވިސްނާށެވެ.
  10. މަސައްކަތާ ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު
    • މަސައްކަތާއި ގުޅޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވާންވާނެއެވެ. ތިމާ ވަޒީފާއަކަށް ނުދާތީ އެއީ އެއީ ތިމާއަށް އެޤާނުނުތައް ނުހިނގާނެ ކަމެއް ނޫނެވެ. އެއިގެ އެންމެ ބޮޑު ހެއްކަކީ ތިމަންނައަކަށް އެއީ ޤާނޫނުގައި ކުށެއްކަމުގައި ވާކަން ނޭނގޭއެއި ބުނެގެން ދިވެހިރާއްޖޭގެ ކޯޓްތަކަކުން އެ ފަރާތަކީ ކުއްވެރިއެއް ނޫނޭ ބުނެ ދޫކޮށްނުލައެވެ. ތިމާ މީހަކަށް ގެއްލުމެއް ދީފައި އެއީ ކުށެއް ކަމެއް ނޭނގެއޭ ބުނެފައި ހުންނާނީ ހެއްޔެވެ.
    • އެހެންކަމުން އާންމު މައުލޫމާތައް ބަލައިލަމާހެއްޔެވެ.
    • ޤާނޫނު އަސާސީ : ދިވެހިރާއްޖޭގެ ހުރިހައި ޤާނޫނަކާއި ގަވައިދުތަކެއް ހެދިގެން ދަނީ ޤާނޫނު އަސާސީ އަށް ބިނާކޮށްގެންނެވެ. މިހާރުގެންފުޅޭ ޤާނޫނު އަސާސީ ތަސްދީޤު ކުރެރެވުނީ 2008 ވަނަ އަހަރުގައި މައުމޫން އަބްދުލް ޤައްޔޫމެވެ. މިއަށް ފެހި ޤާނޫނު އަސީސީ އޭ ކިޔައި އުޅެއެވެ. އެއީ ބޭރުގަނޑު ވަނީ ފެހިކުލައިގައި ކަމުގައި ވާތީއެވެ. 2008 ވަނަ އަހަރުގެ ޤާނޫނު އަސާސީއަށް އެންމެ ފަހުން ބަދަލެއް ޤެނައީ 20 ނޮވެމްބަރ 2024 ވަނަ ދުވަހު ތަސްދީޤު ކުރެވުނު 6 ވަނަ އިޞްލާޙުންނެވެ.
    • 2008 ވަނަ އަހަރު އައި ޤާނޫނު އަސާސީ އައުމާއި އެކުގައި 1998 ވަނަ އަހަރު އަމަލު ކުރަމުންދިޔަ ޤާނޫނު އަސާސީ އުވުނީއެވެ. މިއަށް ނޫ ޤާނޫނު އަސާސީ އެއިވެސް ކިޔައި އުޅެއެވެ. އެހެންނަމަވެސް އަޅުގަނޑަށްފެނުނު ޤާނޫނު އަސާސީގެ ފުރަތަމަ ސަފްޙާ ހުރީ ހުދުކުލައިގައެވެ.
    • މީގެ އިތުރުންވެސް 1998 ވަނަ އަހަރުގެ ކުރީގައިވެސް ޤާނޫނު އަސާސީތަކެއް އެކި އަހަރުތަކުގައި އެކުލަވާލައިފައިވެއެވެ. އެގޮތުން؛
199219531970
199419541972
193719641975
19421967 
19511968 
  • ވުމާއިއެކު މިއީ ދިވެހިރާއްޖޭގެ 15 ވަނަ ޤާނޫނު އަސާސީއެވެ.
  • ދެން އެންމެ މުހިންމު އަހަންމިއްޔަތު ކަމެއްދޭންވާނީ މުވައްޒަފަކަށް ވީތީ ހިނގާނެ ވަޒީފާއާއި ބެހޭ ޤާނޫނެވެ.
  • އެއާއި ޖެހިގެން ސިވިލް ސާވިސް މުވައްޒަފަކަށް ވުމުން ތިމާގެ މައްޗަށް ހިނގާނެ ސިވިލްސާވިސް ޤާނޫނާއި ގަވައިދެވެ
  • ކައުންސިލް މުވައްޒަފެއް ކަމުގައި ވާތީ ހިނގާ ލާމަރުކަޒީ ޤާނޫނާއި ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވައިދެވެ.
  • މި ކޮންމެ ޤާނޫނަކާއި ޤަވައިދަކަށް އަހަރުން އަހަރުން އިސްލާހުތައް އައިސް ބަދަލުވަމުންދާނެއެވެ.
  • ކައުންސިލަށް ކައުންސިލްގެ ޤާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރި ނޫން ބީރައްޓެހި މީހަކު ނެގުމުން ކައުންސިލުން ދޭން ޖެހޭ ހިދުމަތްތަކާއި ހިފަހައްޓަން ޖެހޭ ހަމަތައް ހިފަހެއްޓުމަށް އުނދަގޫ ނުވާނެހެއްޔެވެ.
  • ޤާނޫނުތަކަށްވުރެ ގަވައިދުތައް ފަހުމު ވުމަށް ފަސޭހަވާނެއެވެ. ގަވައިދުތަކުގައި ތަފްސީލު ހިމެނިފައިވާތީއެވެ. ކޮންމެސް މިންވަރަކަށް ގަވައިދުގައިވަނީ ކޮންކަންމެއްކަން ކުޑަމިނުން އެނގޭވަރު ކުރާށެވެ. ތަފްސީލު ކޮށް ދިވެހި ސިވިލްސާރވިސް ގަވައިދުގެ މިވެނި މާއްދާއެއްގެ މިވެނި އަކުރެއް ގައި އޭ އެނގުން މުހިންމެއް ނޫނެވެ. އެކަން އޮތް ގާނޫނަކާއި އޮތް ގޮތެއް އެނގުމުން ނިމުނީއެވެ. ވަޒީފާގައި އުޅޭ އިރު ހުރިހާ ޤާނޫނެއް ހިތުދަސް ކޮށްގެން އުޅޭކަށް ނުޖެހޭނެއެވެ. އެ ޤާނޫނު ބަލަން އެނގޭނީ އެއިގައި އެކަމެއް އޮތްކަން އެނގުމުންނެވެ. މިސާލަކަށް ސިވިލް ސާވިސް ގަވައިދުގައި އަހަރީ ޗުއްޓީގެ ވާހަކަ އޮތްކަން އެނގޭނަމަ އެވީއެވެ. އެގަވައިދު ދެން ބެލުމުން އެ ޙައްޤުވަނީ ކިހިނެއްކަމާއި އެ ޗުއްޓީ ނެގޭނެ ގޮތާއި އަދި ޗުއްޓީގެ މުއްދަތު ބަލަން އެނގޭނެއެވެ. އެ ހުރިހައި ތަފްސީލެއް ހިތުދަސްކުރުން މުހިންމެއް ނޫނެވެ.
  1. މަސައްކަތް ކުރުމުގައި އަމަލުކުރަންޖެހޭ ޤާނޫނާއި ޤަވާއިދުތަކަކީ ކޮބައިކަން އެނގި ހުރި މިންވަރު
    • މިބުނި ގާނޫނުތަކުގެ އިތުރުން ދައުލަތުގެ އިދާރާއެއްކަމުގައިވާތީ އަމަލުކުރަންޖެހޭ މުހިންމު އިތުރު ޤާނޫނު ތަކާއި ގަވާއިދުތައް؛
    • ފައިސާއާއި ގުޅޭ އެންމެހައި މުއާމަލާތްތަކުގައި : މާލިއްޔަތު ޤާނޫނާއި ގަވާއިދު
    • ޕެންޝަން ދިނުމަށް : ޕެންޝަނާއި ބެހޭ ޤާނޫނު
    • އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނު
    • އުވާލެވިފައިވާ ޤާނޫނުތަކާއި މިހާރު އަމަލުކުރަން ޖެހޭ ޤާނޫނުތަކާއި އެނގިފައިވުން
    • މިވެނި ޤާނޫނުގައި އާންމުކޮށްވަނީ ކޮންކޮން ކަންމެއްކަން އެނގުމުން މިބައިތަކަށާއި އެހެނިހެން ބައިތަކަށް ޖަވާބު ދިނުމުގައި ފަސޭހަވާނެއެވެ. މިސާލުތައް ދެއްކާއިރު ގަވައިދު އަކުރުން އަކުރަށް ނުކިޔުނު ނަމަވެސް ކޮންމެވެސް ވަރަކަށް މުހިންމު ބައިތަކުގައިވާ މައުލޫމާތު އެނގޭނެއެވެ.
    • ސިވިލް ސާވިސް މުވައްޒަފަކަށް ވުމުން ތިމާ ތަބާވާން ޖެހޭ ކޯޑް އޮފް ކޮންޑަކްޓެއް ސިވިލް ސާވިސް ގަވައިދުގައި ވެއެވެ. އިންޓަވިއުއަށް އައިސް ތިއިނީ އެގޮތައް ތަބާވެގެންތޯއެވެ.
  2. މަސައްކަތުގެ ދާއިރާގައި ނަޒާޙަތްތެރިވުމަކީ ކޮބައިކަން އެނގޭ މިންވަރު
    • ނަޒާޙައްތެރިކަމަކީ ކޮބައިކަމާއި އެކަމުގެ މުހިންމުކަމާއި ނަޒާޙައްތެރި މުވައްޒަފަކަށް ވެވޭނީ ކިހިނެއްކަން ކިއައި ދޭށެވެ.
    • ނަޒާޙައްތެރިވުމުގައި މާނައަކީ ތިމާގެ އެންމެ ގާތް މުވައްޒަފަކު ޤާނޫނާއި ޚިލާފުވުމުން އެކަން އެންގުންތޯ؟
  3. އޮފީހަށް އެންމެ ފައިދާހުރި ގޮތުގައި މަސައްކަތްކުރުމަކީ ކޮބައިކަން އެނގޭ މިންވަރު
    • މިސާލަކަށް އޮފީހަށް މިހާރު އެންމެ ބޭނުންވާ ކަމަކީ ކޮބައިކަން ތިމާގެ ނަޒަރުގައި، އެއީ ތިމާއަކީ މުވައްޒަފެއްގެ ޙައިސިއްޔަތަކުން ނޫން އެހެންނަމަވެސް ރައްޔިތެއްގެ ޙައިސިއްޔަތުންނެވެ. އެކަމާއި އެކަން ކުރާނެ ގޮތާއި އެކަން މުހިންމު ވީ ކީއްވެ ކަން އެހެން ކަމެއްވެސް ބުނެލުން ރަނގަޅެވެ.
    • އޮފީހަށް އެންމެ ފައިދާ ހުރި ގޮތަކީ މަސައްކަތް ނުނިންމައި 2 ޖަހާއިރު ގެއަށް ދިއުންތޯއާއި މަސައްކަތް ގަޑިއަށް ނިންމުންތޯ ނޫނީ ނުނިންމައި އަނެއްދުވަހު އައިސް ނިންމުން ތޯ ވިސްނާފައި ޖަވާބު ދޭށެވެ.
    • އޮފީހުގެ މުވައްޒަފުންނަށް ފަސޭހަ ކޮށްދިނުމާއި އަދި ސީދާގޮތުން އެއީ ތިމާ ކުރަން ޖެހޭ ކަމެއް ނޫނޭ ބުނާނީ ތޯ އާއި އަދި ބަންދު ދުވަސް ތަކާއި ބަންދު ގަޑިތައް ހަމަ ބަންދު ގަޑިކަމުގައި ދެކިގެން އޮފީހަށް ނުނިކުންނާނީތޯ ވިސްނާށެވެ.
  4. މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު
    • ކައުންސިލުގައި މީގެ 5 އަހަރު ފަހުން މަސައްކަތް ކުރުމުގެ ވިސްނުން ހުރިތޯ އާއި ނޫނީ ހަމަ އެހެން ވަޒީފާއެއް ލިބޭ އިރަށް ދާނީތޯއާއި އަދި މީގެ އިތުރުން ކައުންސިލަށް ވަޒިފާއަށް ޝައުގުވެރިކަން ހުރިތޯ ބަލާނެއެވެ. ކައުންސިލަކީ ވަޒީފާގެ ކުރިއެރުން ލިބޭ ދާއިރާއެއް ނޫންކަމުގައިވާތީ އާއި މީގެ ކުރިން މިކަހަލަ މަސައްކަތެއް ކުރިތޯއާއި މުވައްޒަފު ކިޔަވާ ދާއިރާ ބަލާނެއެވެ.
    • ޝައުގުވެރިކަން އެންމެ ފަސޭހައިން އެނގޭނެ އެއްކަމަކީ ވަޒީފާއަށް ފޯމު ލާ ދުވަހެވެ. ފޯމު އެންމެ ފުރަތަމަ ލާނީ ވަޒީފާ ވަރަށްވެސް ބޭނުންވާ އަބަދުވެސް ކައުންސިލްގެ މައުލޫމާތު ހޯދައި ކައުންސިލްގެ މައުލޫމާތުތައް ލިބޭ ފަރާތެކެވެ. އެހެންނަމަވެސް އެންމެ ފަހު ދުވަހު ފޯމު މި ލަނީ ދެން ކޮންމެހެން ލާން ޖެހޭތީ ނޫނީ ކޮންމެސް މީހަކު ވަޒީފާއަށް ލާންވީ ނޫންހޭ ބުނެގެން ކިއައިގެން ނުވަތަ ފަހު ވަގުތައް މަޑު ކޮށްކޮށް ތިބޭ ފަރާތްތަކެއް ނޫންހެއްޔެވެ. މީގެ ކުރީބައިގައި މިހާރުވެސް ގޮސްފި އަވަހަށް މަސައްކަތް ނިންމުމަށް ކުރާ ކަންކަމަށް ޕޮއިންޓް ލިބޭ ބައެއް.
    • މީގެ އިތުރުން ލިއުމެއް މަދުވެގެން ކައުންސިލުން އެންގުމުން ވަގުތުން ފޮނުވާ ފަރާތްތަކާއި ޖެހިގެން އަންނަ ދުވަހު އޭ ފޮނުވާނީ ހިތާ މަޑުކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ބޭނުންވަނީ ކާކުހެއްޔެވެ.
    • އިންޓަވިއުއަށާއި ޓެސްޓަށް ގަޑި ޖެހުމުގެ ކުރިން އަންނަ ފަރާތްތަކާއި ގަޑި ޖެހުމުގެ އެންމެ މިނެޓެއް ނުވަތަ ސީދާ ގަޑިއަށް ނުވަތަ ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ތަރެއިން ވަޒީފާއަށް ޝައުޤުވެރިވަނީ ކާކު ހެއްޔެވެ. އޮފީހުގެ ޕެނަލިސްޓުންގެ ވަގުތަށް ކަމޭހިތައި އޮފީހަށް އެންމެ ފައިދާހުރި ގޮތުކީ ކޮބައިހެއްޔެވެ.
    • ކިޔަވަނީ އޮފީސް އެޑްމިނިސްޓްރޭޝަން ނަމަ އޮފީހަށް ޝައުގުވެރިވާތީ ކަމާއި މެނޭޖްމެންޓް ކަމުގައިވާނަމަ އޮފީސް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކަމާއި ނުވަތަ ޝަރީއާ އެންޑް ލޯ ނަމަ ކައުންސިލް ޤާނުތަކަށް އަހުލުވެރިވާނެކަމާއި އިންޖިނޭރިންނަމަ އިމާރާތް ކުރުމުގެ ޝައުގު ހުރިކަމާއި ފައިނޭންސް ދާއިރާ ނަމަ އެ ދާއިރާ އިން ޝައުގުވެރިކަމާއި އެކުގައި ކުރިއަށް ދާނެވާހަކަ ދެއްކިދާނެއެވެ.
    • ވަޒީފާ އެއްވެސް ސަބަބަކާއި ހުރެ ވަޒީފާ ދޫކޮށްލާނެ ވާހަކަ ނުބުނާށެވެ.
  5. ސާފު ސާދާ ބަހުން މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރި މިންވަރު
    • ދެރަވެފައި ހުންނަ ވަގުތާއި ހާސްވެފައިވާ ވަގުތު ތިމާ އަމަލުތައް ބަހައްޓާ ގޮތާއި ތިމާ އިންޓަވިއުގައި މުއާމަލާތު ކުރާ ގޮތާއި އާންމު ބަހުރުވައާއި ރާގާއި އަޑުގެ ބާރުމިނާއި ރުޅިއައުމުން މުއާމަލާތު ކުރާ ގޮތާއި އަޑުނާހާ ރައްޔިތުންނާއި މުއާމަލާތު ކުރާނެ ގޮތް މިބައިގައި ބަލާނެއެވެ.
    • ތިމާ މިހާރު އިންޓަވިއުގައި ކުރާ ސުވާލަކުން ޖަވާބު ދޭން ނޭނގުމުން ތިމާ އަންނަނީ ރުޅިތޯ ނުވަތަ ދައްކާ ވާހަކައަކީ ޖަދަލު ކުރުމުގެ ގޮތުން ދައްކާ ވާހަކައެއްތޯ ބަލާނެއެވެ.
    • ތިމާ ހަމައެކަނި ޕެނަލިސްޓް އާއި އެކުގައި ދެއްކިވާހަކައެއްނޫނެވެ. އީމެއިލް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކާއި އެޗް.އާރ އަށް އިންޓަވިއު އާއި ހިސާބަށް އައި އިރު ވާހަކަ ދެއްކުމުގައި ދިމާވެފައިވާ ދަތިތައްވެސް މެއެވެ.

 

ސަޕޯޓް ސްޓާފްގެ ތައުލީމަށް ޕޮއިންޓް ދޭ ގޮތް

ޝަރުތު ހަމަކުރަނީއިތުރު 5 ޕޮއިންޓް ލިބެނީ
ލިއަންކިޔަން އެގުންލެވެލް 1 އިން މަތީގެ ސެޓްފިކެޓެއް
ލިއަންކިޔަން އެގުންއޯލެވެލް*
ލިއަންކިޔަން އެގުންއޭލެވެލް*

 

އެޑްމިން ސްޓާފުންގެ ތައުލީމަށް  ޕޮއިންޓް ދޭ ގޮތް

ޝަރުތު ހަމަކުރަނީއިތުރު 5 ޕޮއިންޓް ލިބެނީ
އޯލެވެލް*އޭލެވެލް* ނޫނީ ލެވެލް 4 އިން މަތީ ސެޓްފިކެޓް
އޭލެވެލް*ލެވެލް 5 އިން މަތީގެ ސެޓްފިކެޓް
ލެވެލް 3*ލެވެލް 4 އިން މަތީގެ ސެޓްފިކެޓް
  

 

*އޯލެވެލް – އިސްލާމް އަދި ދިވެހި ނުހިމަނައި ދެ “ޑީ” އަދި ދިވެހިން “ސީ” ލިބިފައިވާނަމައެވެ. ނޫނީ އޭލެވެލް އިންވިއަސް ދިވެހިން “ސީ” އޮތްނަމަވެސް ގަބޫލު ކުރާނެއެވެ

*އޭލެވެލް – އިސްލާމް އަދި ދިވެހި ނުހިމަނައި ދެ “ޑީ” އަދި ދިވެހިން “ސީ” ލިބިފައިވާނަމައެވެ. ނޫނީ އޯލެވެލް އިންވިއަސް ދިވެހިން “ސީ” އޮތްނަމަވެސް ގަބޫލު ކުރާނެއެވެ

 

ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ