ހދ. ކުމުންދޫ ކައުންސިލުން މިއަދު ޕޭވް އާއި ވެވުނު އެއްބަސް ވުމުގެ ތެރެއިން ކުމުންދޫގައި ދެެވަނަ މަގެއް އުތުރު އަވަށަށް އިތުރުވެގެންދާނެއެވެ.
މި މަސައްކަތައް ކައުންސިލުން އެންމެ ފުރަތަމަ އިއުލާނެއް ކޮށްފައިވަނީ 6 ނޮވެމްބަރ 2024 ގައެވެ. އަދި މަގަށް ވާ ސަރަޙައްދުގައިވާ ރުއްގަހަށް ޝަކުވާ ހުށައެޅުމަށް އިއުލާނު ކުރީ 11 ޑިސެމްބަރ 2024 ގައެވެ. އަދި އެގްރީމެންޓް ގައި ސޮއި ކޮށްފައިވަނީ 29 ޑިސެމްބަރ 2024 ގައެވެ.
މި މަސައްކަތަކީ ހދ. ކުމުންދޫ ބްލޫވިން ފިހާރަ ކައިރިން ހުޅަނގަށް ހެދިގެން ދާ މަގެކެވެ. މަގު ގޮސް ނިމެނީ ހިނަވާގޭ ކައިރިއަށެވެ. ރުއްތައް ނަގައި މަގުގެ އެއްފަރާތައް ޖައްސަން ޖެހޭނެއެވެ. އަދި ބަނދަރުގެ އިރުމަތި ފަރާތުގައިވާ ވެލި ފުނިން ވެލި ނަގައިގެން ގެނެސް އެ ސަރަޙައްދުގެ ވެލިގަނޑު އެއްވަރު ކުރުމާއި ފެންތިލަ ސަރަޙައްދަށް އަޅަން ޖެހޭނެއެވެ. މީގެ އިތުރުން މަގުގެ ފުޅާ މިނުގައި 40 ފޫޓް ހުންނާނެއެވެ.
ޕޭވްގެ ފަރާތުން އެ ސަރަޙައްދުގައި ނެގުމަށް 109 ފޯދުނު ރުކާއި 86 ނުފޯދޭ ރުކާއި ފެންފޯކުގެ 57 ރުއް ހިމެނެއެވެ. ގަސް ގަހުގެ ތެރޭގައި 9 މަދޮށި އަދި ބަނބުކެޔޮގަހާއި 7 ކަނޑޫ ގަހާއި 5 މާކަށިކެޔޮ ގަހާއި 3 ކަނޑޫ، މިދިލި އަދި ދުނބުރި ގަހާއި 2 ފުނަ ގަހާއި 1 ބޮޑަވާކި އަދި ބިލެއް ހިމެނެއެވެ. ޖުމްލަ 295 ރުއްގަސް ހިމެނެއެވެ.