ހދ އަތޮޅުގެ ރައްތަކަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވަމުންދާ ދަތުރުގެ ތެރެއިން ކުމުންދޫއަށް ރައީސް ވަޑައިގެންނެވީ 27 އޮގަސްޓް 2025 ގައެވެ.
އެންމެ ފުރަތަމަ ލޯންޗް ކޮޅުން ފައިބައި ވަޑައިގެން ރައްޔިތުންނާއި ސަލާމް ކުރެއްވުމަށްފަހު ކުޑަ ރިފްރެޝްމެންޓްއެއް އާރ.ޓީ.އެލް ފެރީ ހަޓުގައި ބައިވެރިވަޑައިގެންނެވިއެވެ.
އެއިގެ ފަހުން ހިންގަވާފައި ވަޑައިގެންނެވީ މިހާރުގެ ފުޓްސަލް ދަނޑު ސަރަޙައްދަށެވެ. އެ ތަނުގައި ވަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ބިންގާ އެޅުމުގެ ރަސްމިއްޔާތެވެ.
އެއިގެ ފަހުން ހިންގަވާފައި ބޯޅަ ދަނޑުގެ ނިމޭ ސަރަޙައްދުގައި އަޅާފައިވާ އޭ.ޓީ.އެމް ހުޅުވައިދެއްވިއެވެ. އަދި ސައިކަލްތަކުގައި ދަތުރު ކުރައްވައި ކުމުންދޫ ޕޮލިސް ޕޯސްޓް އަދި ކުމުންދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުތައް ނިމުމަށްފަހު ކުމުންދޫ ކައުންސިލާއި ބައްދަލުކުރުމަށްފަހު ކުމުންދޫގެ ޕީ.އެން.ސީ ސްޓިއަރިން ކޮމެޓީ އާއި ބައްދަލު ކުރީ ކުމުންދޫ އިޖުތިމާއީ މަރުކަޒުގައެވެ.
އެއިގެ ފަހުން އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ރައްޔިތުންނާއި ބައްދަލުކުރެއްވައި ވާހަކަ ދެއްކުން ކުރިއަށް ގެންދެވީ ކުމުންދޫ ސުކޫލުގައެވެ. އެބައްދަލުވުމުގައި ކުމުންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން ކުމުންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ދަތުރު ނިމި ފުރާވަޑައިގެންނެވި ފަހުން ފުލުހުންގެ ޕޯސްޓް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
ތިރީގައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަގާފައިވާ ލިއުން ކޮޅުތަކެކެވެ.
ކުމުންދޫ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް ދާއިމީހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ބަނދަރު މިހާރު އޮތްތަން ނޫން އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދެމަސްދުވަހުގެ ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ މަޝްރޫޢާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ އެކަމުގެ އަމަލީ މަސައްކަތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ހޯލުގެ މަސައްކަތާއި އެކު ސްކޫލަށް ބޭނުންވާ އެހެނިހެން ޖާގައާއި ވަސީލަތްތައް އިތުރުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ހަދަމުންދާ ފުޓްބޯޅަ ދަނޑު އެންމެ ފުރިހަމަގޮތުގައި ފުރިހަމަކޮށްދީ، ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ އިތުރުން ހޭންޑް ބޯލް ކޯޓަކާއި ވޮލީ ކޯޓެއްވެސް އެ ރަށުގައި އެޅުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.