2012 ވަނަ އަހަރުގެ އަތޮޅު ޤްރުއާން މުބާރާތް ފެށިގެން ކުރިއަށް އެބަދޭ

ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް އަތޮޅު ފެންވަރުގައި ބާއްވާ އަތޮޅު ޤްރުއާން މުބާރާތް މިއަހަރުވެސް ފެށިގެން ކުރިއަށް އެބަދެ އެވެ. މިއަހަރުގެ އަތޮޅު ޤްރުއާން މުބާރާތް ކުރިއަށްދަނީ މަކުނުދޫ ގައެވެ. މަކުނުދޫގައި މިމުބާރާތް މިމަހުގެ 23 ން 25 ކުރިއަށް ދާއިރު މިއަހަރުގެ މިމުބާރާތުގައި އަތޮޅުގެ 9 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެއީ ހަނިމާދޫ ، ނާވައިދޫ ، ކުރިނބީ ، ނޮޅިވަރަން ، ކުޅުދުއްފުށީ ، ކުމުންދޫ ، ނޭކުރަންދޫ ، ވައިކަރަދޫ އަދި މަކުނުދޫ އެވެ. މިއަހަރުގެ މިމުބާރާތް މަކުނުދޫގައި ބޭއްވިގެން މިދަނީ މުބާރާތް ބޭއްވުމަށް ހދ. އަތޮޅު ކައުންސިލުން މުޅި އަތޮޅުގެ ހުރިހާ ރައްރަށަކަށް މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޝަތުގައި މަކުނުދޫ ކައުންސިލުން ހުށަހަޅުއްވާ އެކައުންސިލުން ކާމިޔާބުކޮށްގެންނެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު 23 ފެބްރުއަރީ ދުވަހުގެ ރޭ 8:30 ގައި ވަނީ ބޭއްވިފައެވެ. މިމުބާރާތް ޝަރަފުވެރިކޮށްދެއްވީ ހދ. އަތޮޅުކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މުހައްމަދު ޤާސިމް އެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކުރެއްވުމަށް ފަންޑިޔާރުންގެ ގޮތުގައި ތިއްބެވީ ޤުރުއާނާއި ބެހޭ މަރުކަޒުން ހަމަޖައްސަވާ ދެއްވާފައިވާ ތިން ބޭފުޅުންނެވެ.

މިމުބާރާތުގެ އިންތިޒާމުތައް މަކުނުދޫގައި ހަމަޖެހިފައިވަނީ ވަރަށްވެސް ފުރިހަމަކޮށެވެ. މުބާރާތުގެ ބައިވެރިވެރީން އެރަށަށް ވަޑައިގެންނެވުމުން އެރަށުގެ ކައުންސިލާއި އާއްމު ރައްޔިތުންގެ ފަރާތުން މެހެމާންދާރީ އަދާކުރެއްވީ ވަރަށްވެސް ފުރިހަމަގޮތެއްގައި އެވެ. މިމުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުމެއް ދެވޭނެ އެވެ. އަދި އޭގެ އިތުރުން މުބާރާތުގައި ބައިވެރިވެ ވަނައެއް ނުލިބުނުކަމުގައިވިޔަސް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ދަރިވަރަކަށްވެސް އިނާމެއްވެސް ދެވޭނެ އެވެ.

އަތޮޅު ފެންވަރުގައި މިމުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ދަރިންގެ ހިތުގައި ޤުރުއާނަށް ލޯބިޖެއްސުމާއި ތަޖުޢީދުގެ ހަމަތަކުގެ މަތީން ޤުރުއާން ކިޔެވުމަށް އަހުލުވެރި ކުރުވުމުގެ ގޮތުންނެވެ. އަދި އޭގެ އިތުރުން ޤަޢުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ، މިއަތޮޅުގެ ކުދިން ޤައުމީ ފެންވަރުގެ ރަންވަނަތަން ހޯދުމަކީވެސް މިމުބާރާތް އަތޮޅު ފެންވަރުގައި ބޭއްވުމުގެ މައިގަނޑު އެއްމަޤުޞަދެވެ. އަތޮޅު މުބާރާތުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން އެންމެ މޮޅު 15 ދަރިވަރަކަށް ޤައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތުގައި ވާދަކުރުމުގެ ފުރުޝަތު ލިބިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ނަން: ތާރީޚް: ފެބުރުއަރީ 25 2012. ޝާއިޢުކޮށްފައިވާ ބައި: ފަހުގެ ލިޔުންތައް, ޚަބަރު. މިލިޔުމަށްލިބިފައިވާ ޝުޢޫރުތައް: RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

ޝުޢޫރު ފާޅުކުރައްވާ!











މިވެބްސައިޓްގައިވާ ލިޔުންތަކަށް ޒިންމާވުމާއި އޭގެ އެންމެހާ ޙައްޤުތަކެއް ލިބިގެންވަނީ ހަމަ އެލިޔުންތެރިއަކަށެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ، ހދ.ކުމުންދޫ 2012